ވަޅި ހަރައިގެން ޒަހަމްވި ޒުވާނާ މަރުވެއްޖެ

މީގެ އިރުކޮޅެއް ކުރިން މާލޭގައި ވަޅި ހަރައިގެން ޒަހަމްވި ޒުވާނާ ދެންމެ މަރުވެއްޖެ އެވެ.

އުމުރުން 24 އަހަރުގެ ޖައިލަމް އަހުމަދު ޝާކިރު މަރުވީ، މިރޭ 10:20 ހާއިރު، ވަޅި ހަރައިގެން ލިބުނު ޒަހަމްތަކަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަނިކޮށެވެ. އޭނާ އަށް ލިބުނު ޒަހަމްތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.

މަންޒަރު ދުށް މީހަކު ބުނިގޮތުގައި ދަރުބާރުގޭގެ ކުރިމަތީ ގޯޅިތެރޭގައި ހުންނަ، ހ. ހަންޑްރެޑް ފްލާވާސް ކިޔާ ގެއެއްގެ ކުރިމަތީގައި ހިންގި، އެ މާރާމާރީގައި ޖައިލަމަށް ހަމަލާދިނީ އަށް އިންޗިއެއްހާ ދިގު ވަޅިއަކުންނެވެ. އަދި ވަޅި ހެރީ އޭނާ، އެ ގޭގެ ދޮރުމަތީގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިންދާ، ސައިކަލުތަކެއްގައި ދިޔަ ހަތަރު މީހަކު ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

“އެމީހުން އައިސް އޭނާ މަރާލާށޭ ކިޔާފައި ވެސް ހަޅޭއްލެވި. ވަޅި ހެރުމަށް ފަހު، އެ މީހުން ވަނީ ސައިކަލުގައި ފިލާފައި،” މަންޒަރު ދުށް މީހާ ބުންޏެވެ.

އެ ސަރަހައްދުގައި ތިބި މީހުން ޖައިލަމް ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕަކަށް ލައިގެންނެވެ.