ޝިއާރުގެ މަރުގެ މައްސަލަ ތަހުގީގުކުރަން ފުލުހުންގެ ޓީމެއް އައްޑުއަށް

މިދިޔަ ހޯމަ ދުވަހުގެ ރޭ ސ. ހިތަދޫގައި ހިންގި މާރާމާރީގައި ލިބުނު ޒަހަމްތަކުގައި މަރުވި ޒުވާނާގެ މަރުގެ މައްސަލަ ބަލަން ފުލުހުންގެ ޓީމެއް ރޭ އެރަށަށް ހިނގައްޖެ އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ މައްސަލަ ތަހުގީގުކުރަން ހިތަދު އަށް ދިޔައީ ސީރިއަސް ކްރައިމް ޑިޕާޓްމަންޓުގެ ޓީމެކެވެ.

މާރާމާރީގައި ލިބުނު ޒަހަމްތަކުގައި މަރުވީ ހިތަދޫ، އަތީނާ، ހުސެއިން ޝިއާރު، 19، އެވެ.

އޭނާ މަރުވީ އެ ރަށު ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ހެނދުނެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ ޝިއާރުގެ ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ޝިއާރަށް ހަމަލާ ދިނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު އޭނާ ދިރިއުޅޭ ގެއަށް ވަދެ އެވެ.

ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މާރާމާރީ ހިންގުމުގެ ސަބަބަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ގްރޫޕެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެކެވެ. އެކަމަކު އެ މައްސަލާގައި ފުލުހުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.