ޝިއާރު މަރުވީ ބޮލަށް ލިބުނު ޒަހަމްތަކުން: ހޮސްޕިޓަލް

އައްޑޫގައި ތޫނު އެއްޗަކުން ހަމަލާ ދީގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވި ޒުވާނާ މަރުވެފައި ވަނީ އޭނާގެ ބޮލަށް ލިބިފައިވާ ސީރިއަސް ޒަހަމްތަކާ ގުޅިގެން ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އެތަނުގެ އޮފިޝަލަކު ވިދާޅުވީ ހިތަދޫ އަތީނާ، ހުސައިން ޝިއާރު، 19، ގެ ބޮލުގެ ދެ ތަނެއް ވަރަށް ފުންކޮށް ޒަހަމްކޮށްލާފައި ހުރި ކަމަށެވެ. އަދި ރޭ 11 ޖަހަން އުޅެނިކޮށް އޭނާ ހޮސްޕިޓަލަށް ގެންދިޔައި އިރު ވެސް ބޮލުން ގިނަ އަދަދަަކަށް ލޭ ފައިބާފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އޭނާ ބެލި ޑޮކްޓަރާ ހަވާލާ ދެއްވައި އޮފިޝަލް ވިދާޅުވީ ބޮލަށް ލިބުނު ޒަހަމްތަކުން އޭނާގެ ބޮލުގެ އެތެރެއަށް ވަަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.

“ހޮސްޕިޓަލަށް ގެނައި އިރު ވަރަށް ބޮޑަށް ބޮލުން ލޭ ފައިބާފައި ހުރީ. ޑީޕްކޮށް ޒަހަމްކޮށްލައިފައި ހުރި ތަންތަން ފަހާފައި ހުރީ. ހޮސްޕިޓަލަށް ގެނައި ގޮތަށް އައިސީޔޫގައި އޭނާ އޮތީ ވެސް،” އޮފިޝަލް ވިދާޅުވި އެވެ.

ތޫނު އެއްޗަކުން ޝިއާރުގެ ބޮލުގެ ދެ ތަނެއް ޒަހަމްކޮށްލުމުގެ އިތުރަށް، އޭނާގެ ބުރަކައްޓަށާއި އަތާއި ކޮނޑުމައްޗަށް ވެސް ހަމަލާ ދީފައި އެވެ.

“އެ ޒަހަމްތައް އެހާ ފުންކޮށެއް ނޫން ހުރީ. އެކަމަކު ފުދޭވަރަކަށް ދިގުކޮށް ކަފައިގެން ގޮސްފައި ހުރީ،” އޮފިޝަލް ވިދާޅުވި އެވެ.

އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ޝިއާރު މަރުވީ ހެނދުނު 10:45 ގަ އެވެ.

ޝިއާރު އަށް ހަމަލާ ދީީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު އޭނާ ދިރިއުޅޭ ގެއަށް ވަދެ އެވެ.

ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނީ މާރާމާރީ ހިންގާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ގްރޫޕެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެހެންވެ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ޝިއާރު އަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.