މުންޑޫގައި ހިންގި މާރާމާރީއެއްގައި މީހަކު މަރުވެއްޖެ
ލ. މުންޑޫގައި މިރޭ ހިންގި މާރާމާރީއެއްގައި މީހަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މުންޑޫ، ނޫވިލު އަލީ ޒިޔަދަމް 29، މަރުވީ ގުރޫޕް މާރާމާރީއެއްގަ އެވެ.
އެ މައްސަލަ ތަހުގީގު ކުރަން ފުލުހުން މިހާރު އެ ރަށުގައި ހަރަކާތްތެރިވާއިރު، އެކަން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. އެހެން ނަމަވެސް ޒިޔަދަމްގެ މަރުގެ މައްސަލައިގެ ތުހުމަތަށް އެކަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މުންޑޫ ހެލްތު ސެންޓަރުން ބުނީ ޒިޔަދަމްގެ ހަށިގަނޑުގެ ހަތަރު ތަނަކަށް ވަޅި ހަރާފައިވާ ކަމަށެވެ. އެއީ އަތާއި ފައިގެ ފަލަމަސްގަނޑާއި ބުރަކަށި އަދި ކަރަށެވެ.
“މުޅިން ވެސް ހަށިގަނޑުގެ ވާތް ފަރާތު ހިސާބުތަކަށް ވަޅި ހަރާފައި ހުރީ. ހުރިހާ ތަނަކަށް ވެސް އިންޗިއަަކަށް ވުރެ ފުންކޮށް ވަޅި ހަރާފައި ހުރި،” ހެލްތު ސެންޓަރުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޒިޔަދަމް ހެލްތު ސެންޓަރަށް ގެންދިޔައީ މިރޭ 11:10 ހާއިރު ކަމަށާއި ޑޮކްޓަރުންް ބެލިއިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، ޒިޔަދަމަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަން މިހާތަނަށް ބެލި ބެލުމުން އެނގެ އެވެ.