ރޭގެ މަރާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

ވަޅިން ހަމަލާދީ ރޭ މީހަކު މަރާލުމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ނޫރު އާދަމް ހަސަންފުޅު، 29، މަރާލި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. އެހެން ނަމަވެސް، އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ރޭ ދަންވަރު 1:35 ހާއިރު ބުރުޒުމަގު، އައިޖީއެމްއެޗު ކައިރިން ވަޅި ހަރައި ޒަހަމްކޮށްލި ނޫރު މަރުވެފައި ވަނީ، އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ފަތިހު 3:25 ހާއިރު އެވެ. އޭނާގެ ކަރަށާއި އަރިކަށްޓަށް ވަޅިން ހަމަލާ ދީފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ސ. ހިތަދު އަށް އުފަން، މާލޭ ދަފްތަރުގައި މިހާރު ރަޖިސްޓްރީ އޮންނަ ނޫރަށް ހަމަލާ ދީފައި ވަނީ އައިޖީއެމްއެޗުގެ އިމަޖެންސީ ގޭޓު ކުރިމަތިން ކަހަލަ ގޮތަކަށެވެ. ރަށްޓެހިންތަކަކާ އެކު އެ ތަނުގައި ހުރި ނޫރަށް ހަމަލާ ދީފައި ވަނީ ސައިކަލެއްގައި ދުއްވާފައި ދިޔަ ދެ މީހުންގެ ތެރެއިން ފަހަތުގައި އިން މީހާ ކަމަށް ވެސް ވެ އެވެ.

މީގެ އިތުރުން، ރޭ 11:45 ހާއިރު ޗާންދަނީމަގު، ޔޫރޯ ސްޓޯރު ކައިރީގައި ވެސް މާރާމާރީއެއް ހިންގާފައިވެ އެވެ. މި މާރާމާރީގައި، ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކު ދަގަނޑު ބުރިއަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެފައި ވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާގެ ބޮލަށް ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އެ މާރާމާރީއާ ގުޅިގެން ވެސް އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

މާރާމާރީއެއްގައި ރޭ ޒުވާނަކު މަރާލާފައި މިވަނީ ވަޅި ޖެހުން އަނެއްކާ ވެސް އާއްމުވެފައި ވަނިކޮށެވެ. އެ ގޮތުން، މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ލ. މުންޑޫގައި ހިންގި މާރާމާރީއެއްގައި މީހަކު މަރުވެފައި ވަނިކޮށް، ޖެހިގެން އައި ދުވަހުގެ ފަތިހު މާލޭގެ އާ ހާބަރު ސަރަހައްދުގައި ހުންނަ ޅިޔަނު ކެފޭ އަށް ހަތަރު މީހުންގެ ގްރޫޕަކުން ވަދެ އެ ތަނުގެ ބިދޭސީ ސޭޓަށް ވަޅިން ހަމަލާދީ މަރާލާފައިވެ އެވެ. އަދި އޭގެ ފަހުން ވަނީ ގިނަ އަދަދެއްގެ ބިދޭސީންނަށް ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ.

މާރާމާރީތަކުގައި ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތިން މީހަކު މަރާލާފައި ވާއިރު، މިހާތަނަށް ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކޮށްފައި ވަނީ މުންޑޫގައި ހިންގި މާރާމާރީއާ ގުޅިގެން އެކަންޏެވެ.