ކެފޭއެއްގެ ތެރޭގައި މާރާމާރީ ހިންގައި ބިދޭސީއަކު މަރާލައިފި

ކެފޭއެއްގެ ތެރެއަށް ބަޔަކު ވަދެ، ހިންގި މާރާމާރީއެއްގައި ބިދޭސީއަކު މިއަދު މަރާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ދެންމެއަކު ވިދާޅުވި ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ، ހިންގި މާރާމާރީއެއްގައި، ބިދޭސީއަކު ވަނީ މަރުވެފަ އެވެ. ފަތިހު 4:00 ހާއިރު ހިންގި މި މާރާމާރީގައި ޒަހަމްވި މީހާ، އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް، އޭނާ ބެއްލެވި ޑޮކްޓަރުންނާ ހަވާލާދެއްވައި، އެ އޮފިޝަލް ވިދާޅުވި އެވެ.

މަންޒަރު ދުށް މީހަކު “ހަވީރަ”ށް ކިޔައިދިން ގޮތުގައި، މޫނު ނިވާކޮށްފައި ތިބި ހަތަރު މީހަކު، ހާބަރު ސަރަހައްދުގައި ހުންނަ ޅިޔަނު ކެފޭ ތެރެއަށް ވަދެ، މާރާމާރީ ހިންގާފައި ވަނީ މިރޭ ފަތިހު 4:00 ހާއިރު އެވެ. ވަޅި ޖެހުމަށް ފަހު، އެ މީހުން ބޭރަށް ނުކުތް އިރުވެސް ތިބީ މޫނު ނިވާކޮށްފައި ކަމަށް، މަންޒަރު ދުށް އެ މީހާ ކިޔައިދިނެވެ.

އެނގިފައިވާ ގޮތުގައި، މި މާރާމާރީގައި މަރާލާފައި ވަނީ، ޅިޔަނު ކެފޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހެކެވެ. ވަޅި ޖަހާފައި ވަނީ އޭނާގެ މެޔަށް ކަމަށާއި ވަރަށް ފުންކޮށް ވަޅި ވަދެފައިވާ ކަމަށް ވެސް ވެ އެވެ.

މީގެ ކުރިން ވެސް، ޅިޔަނު ކެފޭ ތެރެއަށް ބަޔަކު ވަދެ، އެ ތަނުގައި މަސައްކަތްކުރާ ބިދޭސީ ވޭޓަރަކަށް ހަމަލާދީފައިވެ އެވެ. އެހެން ނަމަވެސް، މިރޭގެ ހަމަލާގައި މަރުވެފައި ވަނީ އެ މީހާ ކަމެއް އަދި ސާފެއް ނުވެ އެވެ.