ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި މީހަކު މަރާލައިފި

ރޭ މެންދަމު މާލޭގައި ހިންގި ގޭންގު މާރާމާރީއެއްގައި ޒުވާނަކު މަރާލައިފި އެވެ.

އެއީ ކާކުކަން ފުލުުހުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް “ހަވީރަ” ށް އެނގިފައިވާ ގޮތުގައި އެ މާރާމާރީގައި މަރާލާފައިވަނީ ސ. މަރަދޫ، އަހްމަދު މަފާޒު، 28 އެވެ. އޭނާ އަކީ މަސްއޮޑި ގްރޫޕުގެ އިސް އެކަކެވެ.

މަންޒަރު ފެނުނު ބައެއް މީހުން ބުނި ގޮތުގައި މަފާޒު (މަސްއޮޑި މަފާ) އަށް ދިން ހަމަލާ އާއި އޭނާ އަށް ލިބުނު ޒަހަމްތައް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަށް ދިން ހަމަލާތަކަށް ވުރެ ވަރުގަދަ އެވެ. އަދި ހުރި ޒަހަމް ވެސް މާ ބޮޑެވެ. ޑރ. އަފްރާޝީމް މަރުގެ ހާދިސާއަކީ މި ފަހަކަށް އައިސް އެންމެ ބޮޑަށް ޒަހަމްކޮށްލުމަށް ފަހު ރަހުމު ކުޑަ ގޮތަކަށް މަރާލި ހާދިސާ އަށް ވާނެ އެވެ.

“މަފާޒުގެ ކަރު އޮތީ ވަރަށް ބޮޑަށް ބުރިކޮށްލާފައި. ކަރުގެ ކަނާތް ފަރާތުގައި ޒަހަމް ހުރީ ވަރަށް ދިގުކޮށް އަދި ވަރަށް ފުންކޮށް. ޒަހަމް ހުރީ ވަރަށް ފުޅާކޮށް. އެ ތަނުގެ ދިގުމިނުގައި މިހާކަންހާ ވަރު ހުންނާނެ،” ނަން ނުޖަހަން ޝަރުތުކޮށް “ހަވީރާ” ވާހަކަ ދެއްކި މީހާގެ އަތްތިލަ ދައްކާލަމުން އޭނާ ބުންޏެވެ. އަތްތިލަ ދައްކާލީ މަފާޒުގެ ކަރުގައި ހުރި ޒަހަމްގެ ދިގުމުން ބުނެދިނުމުގެ ގޮތުންނެވެ.

މަފާޒުގެ ކަނާތް ފަރާތުގެ ކޮނޑުމަތީގަ އާއި ކަނާތު އަތުގައި ވެސް ފުން ޒަހަމެއް ހުރި ކަމަށާއި ކަރުގެ އިތުރުން އެ ދެ ތަން ފަހަން ޖެހުނު ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން އޭނާގެ ބޮލުގެ ނާށިގަނޑު އޮތީ ވަރަށް ބޮޑަށް ޗިސްކޮށްލާފައި ކަމަށާއި ހަށިގަނޑުގެ އެހެން ތަންތަނުގައި ވެސް އެކިވަރުގެ ޒަހަމް ހުރި ކަމަށް މަންޒަރު ފެނުނު އެ މީހާ ބުންޏެވެ.

މި މާރާމާރީ ހިންގައި މަފާޒު މަރާލީ މަސްއޮޑިގެ ހުންނަ ހުސްނުހީނާ މަގުގައި، އަލޯރާ ފަރުނީޗަރު ކައިރިންނެވެ. ރޭ މެންދަމު 1:45 ހާއިރު އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް “ހަވީރާ” ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

މަންޒަރު ފެނުނު އެހެން ބައެއް މީހުން ބުނި ގޮތުގައި މަފާޒަށް ހަމަލާ ދިނީ ހަތަރު ސައިކަލެއްގައި ދިޔަ އަށެއްކަ މީހުންގެ ގްރޫޕަކުންނެވެ. އެއީ ވެސް މާލޭގެ ގޭންގަކަށް ނިސްބަތްވާ ބައެކެވެ. އެ ގްރޫޕް އަންނަ ތަން ފެނުމުން މަސްއޮޑިގެ ކައިރީ ތިބި ބައެއް ޒުވާނުން މަސްއޮޑިގެ އަށް ވަން ކަމަށާއި އޭރު މަފާޒު ހުރީ އެ ގޭގައި ހުންނަ ގަރާޖް ކުރިމަތީގައި ކަމަށްވެ އެވެ.

“އެ މީހުން ގެއަށް ވަދެ ދޮރު ލެއްޕުމުން މަސްއޮޑީގޭގެ ދޮރު ވެސް ހަލާކުކޮށްލި، މިހިރަ ގުދަނުގެ [މަސްއޮޑިގޭގައި ހުރި ގުދަނެއް] ދޮރުތައް ވައްޓާލި. އަދި މި ފިހާރަައިގެ ދޮރު ވެސް ފުނޑާލި،” މަންޒަރު ފެނުނު މީހާ ބުންޏެވެ.

“އެ މީހުންނަށް މަފާޒު ފެނުމުން މަފާޒަށް ހަމަލާ ދިނީ. އެ މީހުން އަތްދަށުން ރެކެން މަފާޒު ވެސް ދުވަނިކޮށް އަތުލީ ވެސް.”

އޭނާ ކިޔައިދިން ގޮތުގައި ހަމަލާ ދިން މީހުން ތިބީ މޫނު ވެސް ނިވާނުކޮށެވެ.

ޒަހަމްކޮށްލުމަށް ފަހު މަފާޒު ބިން މައްޗަށް ވެއްޓިފައި އޮތްވައި އޭނާ ނަގައިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހަކާއި މަސްއޮޑިގޭ ސަރަހައްދުގެ މީހުން ވެގެން ކަން “ހަވީރަށް” އެނގިފައިވެ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ހަމައެކަނި ބުނީ މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލާއާ ގުޅިގެން ބަޔަކު ހައްޔަރު ކުރި ކަމަށް ނުވަތަ ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ނުބުނެ އެވެ.