ގަމުގައި ބިދޭސީ މީހާ މަރާލި މައްސަލާގައި ދިވެއްސަކަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި

ލ. ގަމުގައި މިދިޔަ މަހު ބިދޭސީއަކަށް ހަމަލާދީ އޭނާ މަރާލި މައްސަލާގައި ދިވެހި ފިރިހެނެއްގެ މައްޗަށް ދައުވާކޮށް، މިއަދު ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ބަންގްލަދޭޝްގެ މީހާ ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނީ ގަމުގެ ތުނޑީ އަވަށުގައި، އެ މީހާ އެކަނި ދިރިއުޅޭ ގޭގެ ތެރެއިންނެވެ. އެ މައްސަލާގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކުރި ނަމަވެސް އެ މީހުންގެ މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

“ހަވީރަ”ށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ދިވެހި ފިރިހެނެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މިއަދު ވަނީ ފޮނުވައިފަ އެވެ. އެ މީހާގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ އެވެ.

ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނުނުއިރު ބޮލުގައި އެއްޗަކުން ޖަހާފައި ހުރި ކަމަށް އޭނާގެ ހަށިގަނޑު ފެނުނު މީހުން ބުނެފައިވެ އެވެ.