ޒުވާނެެއްގެ ގަޔަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި

ޒުވާނެއްގެ ގަޔަށް މިރޭ ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

ފުލުސް ބުނީ ދަރުބާރުގޭގެ ކުރިމަތީގައި އޮންނަ ގޯޅިގަނޑުގައި މިރޭ 10:20ހާއިރު ހިންގި މާރާމާރީއެއްގައި ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ. އަދި ފަރުވާ ދިނުމަށް މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަންޒަރު ދުށް މީހަކު ބުނިގޮތުގައި ހ. ހަންޑްރެޑް ފްލާވާސް ކިޔާ ގެއެއްގެ ކުރިމަތީގައި ހިންގި، އެ މާރާމާރީގައި ޒުވާނާއަށް ހަމަލާދިނީ އަށް އިންޗިއެއްހާ ދިގު ވަޅިއަކުންނެވެ. އަދި ވަޅި ހެރީ އޭނާ، އެ ގޭގެ ދޮރުމަތީގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިންދާ، ސައިކަލުތަކެއްގައި ދިޔަ ހަތަރު މީހަކު ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

“ހަވީރަށް” އެނގިފައިވާ ގޮތުގައި އެ މާރާމާރީގައި ޒަހަމްވެފައިވަނީ ޖައިލަމް ޝާކިރު ކިޔާ ޒުވާނެކެވެ.

“އެމީހުން އައިސް އޭނާ މަރާލާށޭ ކިޔާފައި ވެސް ހަޅޭއްލެވި. ވަޅި ހެރުމަށް ފަހު، އެ މީހުން ވަނީ ސައިކަލުގައި ފިލާފައި،” މަންޒަރު ދުށް މީހާ ބުންޏެވެ.

އެ ސަރަހައްދުގައި ތިބި މީހުން ޖައިލަމް ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕަކަށް ލައިގެންނެވެ.