ބިދޭސީ މީހާގެ މަރުގެ ދައުވާ ލިބޭ މީހާއަށް ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތެއް ދީފި
ލ. ގަމުގައި މިދިޔަ ޖޫން މަހު ބިދޭސީއަކު މަރާލި މައްސަލާގެ ދައުވާ ލިބޭ މީހާއަށް ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތެއް މިއަދު ވެސް ދީފި އެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ވާ ބާދްޝާހް މިއާ ގަމު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެރަށު ރެޑްފިޝް އަލީ ހަމްޒާގެ މައްޗަށެވެ.
އެ މައްސަލާގައި ވަކީލަކު ހަމަޖައްސަން އޭނާ އަށް ކުރިން ވެސް ފުރުސަތު ދިނެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ހަމްޒާ ބުނީ ވަކީލު ހަމަޖައްސަން ހުށަހަޅަން ޖެހޭ ފޯމް ފުލުހުން މެދުވެރިކޮށް ހުށަހަޅާފައިވާ ކަމަށެވެ.
ހަމްޒާ އަށް ވަކީލަކު ހަމަޖައްސަނީ ދައުލަތުގެ ޚަރަދުގައި ކަމަށް ވާތީ ދައުލަތުގެ ވަކީލް ވިދާޅުވީ ހަމްޒާ އަށް އަވަހަށް ވަކީލަކު ހަމަޖައްސައި ދޭން ބަންޑާރަ ނައިބުގެ އޮފީހަށް މިއަދު ސިޓީ ފޮނުވާނެ ކަމަށެވެ. އަދި ވަކީލުން ހަމަޖައްސައިދޭން އެދި ހުށަހަޅާ ފޯމް ހަމްޒާގެ ފަރާތުން މިއަދު ހެނދުނު ހުށަހަޅާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.
ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންދަން ހަމްޒާ ބޭނުންނުވާތީ މިއަދުގެ އަޑުއެހުން ނިންމާލީ ޝަރީއަތް ކުރިއަށް ނުގެންގޮހެވެ. ދެން އެ މައްސަލާގެ އަޑުއެހުމެއް އޮންނާނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވި އެވެ.
ދައުލަތުގެ ދައުވާގައިވާ ގޮތުން މިއާ މަރުވީ ހަމްޒާ އޭނާގެ މޫނުމަތީގައި ލަކުޑި ބުރިއަކުން ތެޅުމުގެ ސަބަބުންނެވެ.