ބިދޭސީ މީހާ އޮތީ މަރާލާފައި ކަމަށް ބެލެވޭ: ފުވައްމުލަކު ކައުންސިލް

“ބަންގްލަދޭޝްގެ އެ މީހާ އައީ ރޯދަ އަށް އަމިއްލަ ގައުމަށް ދާން ތައްޔާރުވަމުން، އޭނާ ގިނަ އަދަދެއްގެ ފައިސާ ގެންގުޅުނު ކަމަށް ބެލެވޭ”

މަރުވެފައި އޮއްވާ ފުވައްމުލަކު ފަޅު ގޯއްޗެއްގެ ތެރެއިން މިއަދު ފެނުނު ބިދޭސީ މީހާގެ ހަށިގަނޑުގައި ޒަޚަމްތައް ހުރި ކަމަށާއި ފޭރުމަށްޓަކައި އޭނާ އަށް އަނިޔާކޮށް މަރާލާފައިވާ ކަމަށް ބެލެވޭ ކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަލީ ފަޒާދު މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒާދު ވިދާޅުވިގޮތުގައި ފުވައްމުލަކު ދޫނޑިގަން އަވަށުގައި އިމާރާތްކުރަން ފަށާފައި ހުރި ގޯއްޗެއްގައި ވަޅުގަނޑެއްގެ ތެރެއިން ފެނުނު ބަންގްލަދޭޝްގެ ޝަރީފް ކިޔާ މީހާ އަކީ އެ ރަށުގެ ވަނޑާން ގެއެއްގައި މަސައްކަތްކުރާ ފަންސަވީހަކަށް އަހަރުގެ ޒުވާނެކެވެ.

ހަށިގަނޑު ދެކެވަޑައިގެންނެވި ފަޒާދު ވިދާޅުވީ ބިދޭސީ މީހާގެ ދެ އަތް ފުރަގަހަށް ލައި ބަނދެފައި އޮތް އިރު ކަރުގައި ނަރެއް ކަހަލަ އެއްޗެއް އޮޅާފައި ހުރި ކަމުގެ ނިޝާން ހުރި ކަމަށާއި ބޮލުން ވެސް ތަނެއް ފަޅައިގެން ގޮސް ލޭ އައިސްފައި ހުރި ކަމަށެވެ.

އަދި އެ މީހާގެ ކަންފަތް ކައިރިން ތޫނު އެއްޗަކުން ހަމަލާދީފައި ހުރި ކަމަށް ބެލެވޭ ޒަޚަމެއް ހުރި ކަމަށް ހޮސްޕިޓަލުން އޭނާ ބެއްލެވި ޑޮކްޓަރާ ހަވާލާދެއްވައި ފަޒާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ދޫނޑިގަން އަވަށުގެ ވަޑާން ގެއެއްގައި މަސައްކަތްކުރަމުން އައި ބަންގްލަދޭޝް މީހާ މަރާލި ކަމަށް ބެލެވެނީ އޭނާގެ އަތުން ފޭރުމަށެވެ. އޭނާ ގިނަ އަދަދަކަށް ފައިސާ ގެންގުޅުނު ކަމަށް ބެލެވޭ ކަމަށާއި ހާއްސަކޮށް ރޯދަމަހަށް އަމިއްލަ ގައުމަށް ދާން ތައްޔާރުވަމުން އައިސްފައިވާތީ އޭނާގެ އަތުގައި ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށް ބެލެވޭ ކަމަށް ފަޒާދު ވިދާޅުވި އެވެ.

ފުވައްމުލަކު ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު ނިޖާހު ވިދާޅުވިގޮތުގައި ޝަރީފްގެ ހަށިގަނޑު މިހާރު އޮތީ ހޮސްޕިޓަލުގައި، މާލެ ގެންނަން ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ކައުންސިލްގެ ނާއިބު ރައީސް ވިދާޅުވިގޮތުގައި ފުވައްމުލަކުގެ ހައިވޭ ރެސްޓޯރެންޓުގެ ފުރަގަހުގައި އޮތް ގޯއްޗަކުން ފެނުނު ބިދޭސީ މީހާ އަކީ އަހުލާގު ރަނގަޅު މީހެކެވެ. އަދި އޭނާ އަށް ވަޒީފާ ދީގެން އުޅޭ ފުވައްމުލަކު މީހާ މި ހާދިސާ ހިނގި އިރު ރަށުގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގެ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް މި މައްސަލައިގައި މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަން ފުލުހުންގެ އޮފިޝަލަކު މިރޭ ކަށަވަރުކޮށްދެއްވި އެވެ.