ވަޅިން ހަމަލާދީ ޒުވާނަކު މަރާލައިފި

ރޭ ދަންވަރު ހިންގި މާރާމާރީއެއްގައި ޒަހަމްކޮށްލި މީހަކަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.

“ހަވީރަ”ށް އެނގިފައިވާ ގޮތުގައި ރޭ 1:35 ހާއިރު ބުރުޒުމަގު، އައިޖީއެމްއެޗް ކައިރިން ވަޅި ހަރައި ޒަހަމްކޮށްލި ނޫރު އާދަމް ހަސަންފުޅު، 29 މަރުވެފައި ވަނީ، އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ފަތިހު 3:25 ހާއިރު އެވެ. އޭނާގެ ކަރަށާއި އަރިކަށްޓަށް ވަޅިން ހަމަލާ ދިީފައިވާ ކަމަށް ވެ އެވެ.

އެނގިފައިވާ ގޮތުގައި މާލޭ ދަފްތަރުގައި ރަޖިސްޓްރީ އޮންނަ ނޫރަށް ހަމަލާ ދީފައި ވަނީ، އައިޖީއެމްއެޗުގެ އިމަޖެންސީ ގޭޓު ކުރިމަތިން ކަހަލަ ގޮތަކަށެވެ. ރަށްޓެހިންތަކަކާ އެކު ހުރި ނޫރަށް ހަމަލާ ދީފައި ވަނީ ސައިކަލެއްގައި ދުއްވާފައި ދިޔަ ދެ މީހުންގެ ތެރެއިން ފަހަތުގައި އިން މީހާ ކަމަށް ވެސް ވެ އެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

މާރާމާރީއެއްގައި ޒުވާނަކު މަރާލާފައި މިވަނީ ވަޅި ޖެހުން އަނެއްކާ ވެސް އާއްމުވެފައި ވަނިކޮށެވެ. އެ ގޮތުން، މިދިޔަ އާދިއްތަ ދުވަހުގެ ފަތިހު ޅިޔަނު ކެފޭ އަށް ހަތަރު މީހުންގެ ގްރޫޕަކުން ވަދެ، އެ ތަނުގެ ބިދޭސީ ސޭޓަށް ވަޅިން ހަމަލާދީ މަރާލާފައިވެ އެވެ. އަދި އޭގެ ފަހުން ވެސް ވަނީ ގިނަ އަދަދެއްގެ ބިދޭސީންނަށް ހަމަލާ ދީ ޒަހަމްކޮށްލާފަ އެވެ.