ލ. ގަމުގައި ބިދޭސީއަކު މަރާލި މައްސަލައިގެ ޝަރީއަތް ފަށައިފި
ލ. ގަމުގައި މިދިޔަ ޖޫން މަހު ބިދޭސީއަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ މީހާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފި އެވެ.
ގަމު ގެއެއްގެ ތެރޭގައި މަރާލާފައި އޮތް ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ބާދްޝާހްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެރަށު ރެޑްފިޝް އަލީ ހަމްޒާގެ މައްޗަށެވެ.
ހަމްޒާގެ ޝަރީއަތް މިއަދު ފަށައި، ވަކީލަކު ހަމަޖައްސަން ވަނީ ފުރުސަތު ދީފަ އެވެ. ފަސް ދުވަހުގެ ތެރޭގައި ވަކީލަކު ހަމަޖައްސަން ކޯޓުން ވަނީ ހަމްޒާ އަށް އެންގި އެވެ.
ހަމްޒާގެ މައްޗަށް ކުރާ ދައުވާގައިވާ ގޮތުން ބާދުޝާހު މަރުވީ މިދިޔަ ޖޫން 9 ވަނަ ދުވަހުގެ ރޭ 10:00 ހާއިރު ގަމު ރަންދާންގޭގެ ފެންޑާގައި އޭނާ ނިދާފައި އޮއްވާ، ދިގު މިނުގައި ތިން ފޫޓް ހުންނަ ވަރުގެ ލަކުޑި ބުރިއަކުން އޭނާގެ މޫނުމަތީގައި ހަމްޒާ ތެޅުމުންނެވެ.
އޭނާގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.