ގުރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލަދީ 21 އަހަރުގެ ޒުވާނަކު މަރާލައިފި

މާލޭގައި ރޭ އިރާކޮޅު ހިންގި ގުރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ 21 އަހަރުގެ ޒުވާނަކު މަރާލައިފި އެވެ.

ރޭ ގާތްގަނޑަކަށް 30: 9 ހާއިރު ހެންވޭރު ހަދީބީމަގުން ވުޑް އެޕަލް ކައިރީގައި ހިންގި މި މާރާމާރީގައި މަރުވެފައި ވަނީ ހ. ކުބްރާ، އަލީ އިޝާރު (ޗޯޓޭ) އެވެ.

ހަދީބީ މަގުގައި ހުންނަ އޭނާގެ ގެއިން ނުކުތް ތަނުން ގުރޫޕެއްގެ ބަޔަކު ގޮސް އޭނާގެ ފަޔަށާއި ކަރަށް ދިން މި ހަމަލައިގައި އިޝާރު މަރުވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް ރޭ ގާތްގަނޑަކަށް 30: 10 ހާއިރު އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވި ގޮތުގައި، ކުޑަހެންވޭރު ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ، އިޝާރު މަރުވީ ލަނގޮޑިވަޅަށް ލިބުނު ގެއްލުމެއްގެ ސަބަބުން ނޭވާލުމަށް ދަތިވެގެންނެވެ. އަދި ވިދާޅުވީ އިޝާރުގެ ކަނާތު ފައިގެ ހަތަރު ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފައިވާ ކަމަށެވެ.

“ކަނާތު ފައިގެ ހަތަރު ތަނަކަށް ތޫނު އެއްޗަކުން ހަމަލަދީފައިވާއިރު، އޭގެ ތެރެއިން ދެ ތަނެއްގައި ވަރަށް ފުން ޒަހަމެއް ހުރި. ބޭރުފުށުން އިތުރު އެއްވެސް ގެއްލުމެއް ފެންނާކަށް ނެތް. ފަރުވާ ދެމުންދަނިކޮށް އޭނަ މަރުވީ ލަނގޮޑިވަޅަށް ލިބުނު ގެއްލުމެއްގައި ނޭވާ ނުލެވިގެން. މިއަށް ވުރެ އިތުރަށް އަޅުގަނޑަށް އެއްޗެއް ދެންނެވޭނީ ރޭޑިއޯލޮޖީ ރިޕޯޓް ލިބިގެން،” އަފްއާލް މިއަދު ވިދާޅުވި އެވެ.

ވޭލް ސަބްމެރިންގެ ރިޒަވޭޝަންސް އޮފީހުގައި މަސައްކަތް ކުރަމުންދާތާ ތިން އަހަރު ވެފައިވާ އިޝާރަށް ބަޔަކު މީހުން ހަމަލަދީފައި ވަނީ، މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، އޭނާގެ ގެއާ އިންވެގެން ހުންނަ ސްނޯ ޑްރޮޕްސް ފިހާރައިން ސިނގިރެޓް ގަނެގެން ނުކުތް ތަނުންނެވެ.

“އޭނާ ސިނގިރެޓް ގަނެގެން ނުކުތް ތަނުން ބަޔަކު މީހުން އައިސް އޭނާގެ ގައިގައި ޖެހި. ޖެހީމަ އޭނަ ދުއްވައިގަތީ ވުޑް އެޕަލްއާ ދިމާލަށް. އެކަމަކު ވުޑް އެޕަލް ކަންމަތީގައި ތިބި ބަޔަކު އޭނާ ހިފަހައްޓައިފައި ތަޅައިގަތީ. ވަރަށް ގަދައަށް ތެޅި. އަނދިރިކަމުން، ތެޅީ ކޯންޗަކުން ކަމެއް ނޭނގޭ،” ސްނޯ ޑްރޮޕް ފިހާރައިގައި ހުރި ބިދޭސީ މީހަކު މިއަދު ހަވީރަށް ކިޔައިދިނެވެ.

އޭނާ ބުނީ އިޝާރުގެ ގައިގައި އަށެއްކަ މީހުން ވެގެން ތެޅި ކަމަށާއި ވަކި ހިސާބަކުން އިޝާރަކީ ވަގެއް ކަމަށް ބުނެ އެ ގުރޫޕް މީހުން އަޑުގަދަކުރަން ފެށުމުން، އެ ސަރަހައްދުގެ އެހެން ބަޔަކު ގޮސް އިޝާރުގެ ގައިގައި ހިފެހެއްޓި ކަމަށެވެ.

“ވަގެއް ކަމަށް ބުނެ އަޑުގަދަކުރަން ފެށުމުން އެހެން ބަޔަކު ގޮސް އޭނާގެ ގައިގައި ހިފެހެއްޓުމުން އެ ގުރޫޕް މީހުން ހިނގައްޖެ. އެ ގުރޫޕް މީހުން ދިއުމުން ދެން އިޝާރު ދުވެފައި ގޮސް ވަނީ ކޯރާއަށް (ކުބްރާ ކުރިމަތިން ހުންނަ ގެ). އެ ގެއަށް ވަނީމަ ހޮސްޕިޓަލަށް ގެންދިޔައީ،” މަންޒަރު ދުށް މީހަކު ބުންޏެވެ. އޭރު އިޝާރުގެ ފައިން ލޭތައް އޮހޮރެމުންދާ ކަމަށް އޭނާ ބުންޏެވެ.

އިޝާރުގެ ބައްޕަ މުހައްމަދު އަލީ މިއަދު ކިޔައިދިން ގޮތުގައި އޭނާގެ ދަރިފުޅުގެ ގައިގައި ބަޔަކު ތަޅައިގަތްއިރު އޭނާ އޮތީ ގޭގައި ނިދައިފަ އެވެ. ކަމެއް ހިނގައިގެން އުޅޭކަން އެނގުނީ ގޭގެ ދޮރުގައި ބަޔަކު ތަޅައިގަތުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

މުހައްމަދު އަލީ ނުކުތްއިރު ގޭ ދޮރުމަތީގައި “ލޭ ކޯރެއް” އޮތް ކަމަށާއި ދަރިފުޅު އެންމެ ފަހުން ވަން ކޯރާ ގޭގެ ތެރޭގައި ވެސް އޮތީ ހުސް ލޭ ކަމަށް އޭނާ ބުންޏެވެ.

“ވަގެއް ކަމަށް ބުނެ އެ ގުރޫޕް މީހުން އަޑުގަދަކުރަން ފެށީމަ މިގޭ ކުރިމަތީގައި ހުންނަ ހޮޓަލުގައި ތިބި ބަޔަކު ގޮސް އޭނާގެ ގައިގައި ހިފެހެއްޓި ކަމަށް ވޭ. އެ މީހުން ހިފެހެއްޓީމަ ދަރިފުޅު ގޮސް ވަނީ ކޯރާ އަށް. އެ ގެއަށް ވަދެ، އެ ގޭގެ އަންހެން މީހާގެ ގައިގައި ބައްދައިފައި ބުނި ކަމަށް ވޭ ދައްތާ އަހަރެން މަރުވަނީއޭ. އޭގެ ފަހުން ވެއްޓުނީ،” އިޝާރުގެ ބައްޕަ ކިޔައިދިނެވެ.

އޭނާ ބުނީ މަރާލާނެކަމުގެ އިންޒާރު މީގެ ހައެއްކަ ދުވަސް ކުރިން ދިން ކަމަށް އިޝާރުގެ ފަރާތުން އެނގިފައިވާ ކަމަށެވެ. އަދި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިޝާރު ހޯދަން ތިން މީހަކު ގެއަށް ދިޔަ ކަމަށާއި އެހެން ނަމަވެސް ދަރިފުޅު އެ ރޭ ގޭގައި ނެތް ކަމަށް އޭނާ ބުންޏެވެ.

“އެ ތިން މީހުން ގެއަށް ދިޔައީމަ އިޝާރު އަހަންނަށް ގުޅައިފައި ބުނި، ބައްޕާއޭ މިހާރު އެ މީހުން ގެއަށް ގޮސްފިއޭ. ތިމަންނަ މަރާލާނެއޭ،” މުހައްމަދު އަލީ ބުންޏެވެ.

އިޝާރަށް މަރުގެ އިންޒާރު ދިން ސަބަބެއް ނޭނގޭ ކަމަށް ބައްޕަ ބުންޏެވެ. އަދި އިންޒާރު ދިން ދެ މީހުންނަށް ވަނަމުގެ ގޮތުގައި ކިޔާ ނަންތައް އިޝާރުގެ ބައްޕައަށް އެނގެ އެވެ. އެކަމަކު އެ ނަންތައް ނޫހަށް ހާމަކުރާކަށް އޭނާ ބޭނުމެއްނުވި އެވެ.

އިޝާރުގެ ބައްޕަ ބުނީ އެންމެ ފަހުން މާލޭގައި ( 12 ނޮވެމްބަރު އަދި 13 ނޮވެމްބަރު) މާރާމާރީ ހިންގިއިރު، ކުޑަހެންވޭރު ގުރޫޕާ އެކު އޭނާގެ ދަރިފުޅު ދެ ރޭ ވަންދެން އުޅުނު ކަމަށާއި އެހެން ނަމަވެސް އެއިން ކަމެއްގައި ބައިވެރިވި ކަމެއް ނޭނގޭ ކަމަށެވެ. އަދި ކުޑަހެންވޭރުގައި އޮންނަ ގުރޫޕަކާ އެކު ދަރިފުޅު އަބަދުވެސް އުޅޭ ކަމަށް އޭނާ ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ވިދާޅުވީ އިޝާރަށް ހަމަލަ ދީ މަރާލި މައްސަލައާ ގުޅިގެން، އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންގެ ނަންތަކެއް ހާމައެއް ނުކުރައްވަ އެވެ.

އިޝާރުގެ މަރު އިއުލާންކުރުމާ ވިދިގެން، އޭނާ އަށް ތާއީދުކުރާ ބައެއް މީހުން މާލޭގައި ރޭ ހިންގި އެކި މާރާމާރީތަކާ ގުޅިގެން މިހާތަނަށް 26 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެ އެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ފަސް ކުދިން ހިމެނެ އެވެ. އެހެން ނަމަވެސް އެއިން އެއްވެސް މީހެއްގެ ނަމެއް ފުލުހުން ހާމައެއް ނުކުރައްވަ އެވެ. އޭގެ އިތުރުން ރޭގެ މާރާމާރީތައް ކޮންޓްރޯލްކޮށް، މާރާމާރީތައް ހިންގަން ގެންގުޅުނު ކަނޑި އާއި ވަޅި އާއި ލަކުޑި ފައްޗާއި ދަގަނޑު ހޮޅި ބުރި ފަދަ ތަކެތި އަތުލައިފައިވާ ކަމަށް ފުލުހުން ވިދާޅުވެ އެވެ.

އިޝާރުގެ މަރާ ގުޅިގެން ރޭ އެންމެ ގިނަ ބަޔަކު ކުރި އެއް ޝަކުވާ އަކީ މާލޭގައި އާންމުކޮށް މާރާމާރީ ހިންގުމުގައި އިސްކޮށް އުޅޭ މީހުން ކަމަށް ތުހުމަތުކޮށް އިނގިލި ދިއްކުރާ މީހުން ފުލުހުންނަށް ހައްޔަރުނުކުރެވޭ މައްސަލަ އެވެ. ސިލްސިލާކޮށް މާލޭގައި ހިންގާ މާރާމާރީތަކުގައި ވަރަށް ނަން މަޝްހޫރު މީހުން ހިމެނޭ ކަމަށް ވާހަކަ ދެކެވޭއިރު ވެސް އެކަމުގެ ހަގީގަތް ފުލުހުންނަށް ހާމަކޮށްނުދެވޭ ކަމަށް ބުނެ ރޭ ވަރަށް ގިނަ މީހުން ވާހަކަ ދައްކަމުންދިޔަ އެވެ.

ރޭގެ ގުރޫޕް މާރާމާރީއާ ގުޅިގެން މާލޭގެ އެކި ހިސާބުތަކުގައި މާރާމާރީ ހިންގަން އުޅެފައިވެ އެވެ. އެގޮތުން އިޝާރަށް ހަމަލަ ދިނުމާ ގުޅިގެން، ގުރޫޕެއްގެ ބަޔަކު ދަގަނޑާއި ލަކުޑިބުރިތަކާއި ކަނޑި ފަދަ ތަކެތި ހިފައިގެން ނުކުމެ ހަމަނުޖެހުން ހިންގަން އުޅުނެވެ. އަދި ބައެއް މީހުންނަށް ހަމަލަ ދީ، މަޖީދިއްޔާ ސްކޫލު ކައިރީގައި ހުންނަ ކާޓެއިންސް ކަލެކްޝަން ފިހާރައިގެ ބިއްލޫރިތައް ވަނީ ތަޅާލައިފަ އެވެ. މާލޭގައި ހިންގާ މާރާމާރީތަކުގައި އެ ފިހާރައިގެ ބިއްލޫރިގަނޑު މީގެ ކުރިން ވެސް އެތައް ފަހަރަކު ތަޅާފައިވެ އެވެ.

އިޝާރު އޭޑީކޭއަށް ގެންދިޔަ ވަގުތު، ހޮސްޕިޓަލް ސަރަހައްދަށް ދިޔަ ފުލުހުންގެ ވޭނެއްގެ ބިއްލޫރިތައް ވެސް ވަނީ ތަޅައިލައިފަ އެވެ. އަދި ރޭ ދަންވަރު ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަރަކާތްތެރިވި ގުރޫޕެއްގެ ބަޔަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. މި މީހުން ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުން ވަރަށް ހަރުކަށިކޮށް އަމަލުކުރަމުންދާތީ، ފުލުހުންނާ މެދު އާންމުން ނުރުހުން ފާޅުކުރަމުން ވެސް ދިޔަ އެވެ. އެގޮތުން އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހެއްގެ އަތުގައި އޮތް މުގުރަކުން އަންހެނެއްގެ ބޮލުގައި ޖެހި ކަމަށް ބުނެ، ބައެއް މީހުން ރޮއެ، އަޑުގަދަކޮށް ހެދި މަންޒަރު ވެސް ހަވީރުގެ ނޫސްވެރިންނަށް ފެނިފައި ވެ އެވެ. އަދި އެ ހިސާބުގަނޑުގެ އަންހެނަކު ހިތް ހުއްޓިގެން ފުލުހުންގެ ވޭނަކަށް އަރުވައިގެން ދިޔަތަން ވެސް ފެނުނެވެ. އޭޑީކޭ ސަރަހައްދަށް އެއްވެފައި ތިބި މީހުން ފޮނުވާލުމަށްޓަކައި ފުލުހުން ޔުނިފޯމުގައި ތިބެ، ހޮސްޕިޓަލް ތެރެއަށް އަޑުގަދަކުރަމުން ވަނުމުން ބައެއް މީހުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އޭޑީކޭ ތެރެއަށް ޔުނިފޯމުގައި ތިބެ ފުލުހުން ނުވަނުމަށް އޭޑީކޭގެ އިސް ބައެއް ވެރިން އެންގެވިތަން ވެސް ފެނިފައިވެ އެވެ.