ޒިޔަދަމް މަރުވި މާރާމާރީގެ “އަސްލަކީ” ރާ ބެހުމުގައި ދިމާވި މައްސަލައެއް: ރަށު މީހުން

ރޭ ލ. މުންޑޫގައި ޒުވާނަކު މަރުވި މާރާމާރީ ހިންގީ އަމިއްލަ އަށް ތައްޔާރުކުރި ބަނގުރާ ބެހުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން މިއަދު ބުނެފި އެވެ.

އުމުރުން 29 އަހަރުގެ އަލީ ޒިޔަދަމަށް ވަޅިން ދިން ހަމަލާތަކެއްގައި އޭނާ މަރުވީ ކުޑަކުޑަ ރަށުގެ ސިއްހީ މަރުކަޒަށް ގެންދިއުމުގެ ކުރިންނެވެ.

ރަށުގެ ބައެއް މީހުން ބުނި ގޮތުގައި ރަށުތެރޭގައި ވާހަކަ ދެކެވެނީ ޒިޔަދަމް އާއި އެހެން ބަޔަކު ގުޅިގެން އަމިއްލަ އަށް ތައްޔާރުކުރި ބަނގުރާ ބެހުމުގައި އެއް ބަޔަކު އަނެއް ބަޔަކު ހިތްހަމަނުޖެހޭ ކަމެއް ހިނގީ ކަމަށެވެ.

އޭނާގެ މަރާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު އެ ރަށުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ތިން މީހުން ހައްޔަރުކުރީ މިއަދު ހެނދުނެވެ. ފުރަތަމަ މީހާ ރޭ، ޒިޔަދަމް މަރުވިތާ މާ ގިނަ އިރެއް ނުވަނީސް ހައްޔަރުކުރި އެވެ.

މާރާމާރީގެ އަސްލާ ބެހޭ ގޮތުން ރަށުގައި ދެކެވޭ ވާހަކައާ މެދު ސުވާލު ކުރުމުން މުންޑޫ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ އޭނާ އަށް ވެސް އެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

“އެއީ ޒިޔަދަމް އާއި އޭނާގެ ރަހުމަތްތެރިން ތައްޔާރުކުރި ބަނގުރާ ހަމެއް ކަމަށް ވަނީ. އެނގިފައިވާ ގޮތުން އޭނާ ގަޔަށް ވަޅި ހެރީ ބަނގުރާ ބެހުމުގައި ހިނގި ދެ ބަސްވުމެއްގެ ތެރެއިން،” އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޒިޔަދަމް އުފަންވީ މުންޑުއަށް ނަމަވެސް އުޅެ ބޮޑުވީ މާލޭގަ އެެވެ. އަދި އޭނާ މަރުވީ ރަށަށް ދިޔަތާ ދެތިން މަސް ނުވަނީސް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

“އަބަދުވެސް އެކަހަލަ ކޮންމެވެސް މައްސަލައެއްގައި އޭނާ އުޅުނީ. މާލޭގައި ވެސް ގިނައިން އޮންނާނީ ޖަލުގައި،” އޭނާ ވިދާޅުވި އެވެ.

މުންޑޫ ހެލްތު ސެންޓަރުން ރޭ ބުނީ ޒިޔަދަމްގެ ހަށިގަނޑުގެ ހަތަރު ތަނަކަށް ވަޅި ހަރާފައިވާ ކަމަށެވެ. އެއީ އަތާއި ފައިގެ ފަލަމަސްގަނޑާއި ބުރަކަށި އަދި ކަރަށެވެ.

“މުޅިން ވެސް ހަށިގަނޑުގެ ވާތް ފަރާތު ހިސާބުތަކަށް ވަޅި ހަރާފައި ހުރީ. ހުރިހާ ތަނަކަށް ވެސް އިންޗިއަަކަށް ވުރެ ފުންކޮށް ވަޅި ހަރާފައި ހުރި،” ހެލްތު ސެންޓަރުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒިޔަދަމް ހެލްތު ސެންޓަރަށް ގެންދިޔައީ ރޭ 11:10 ހާއިރު ކަމަށާއި ޑޮކްޓަރުންް ބެލިއިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

ފުލުހުން ބުނިގޮތުގައި، ޒިޔަދަމަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަން މިހާތަނަށް ބެލި ބެލުމުން އެނގެ އެވެ.

ސުނާމީގައި ވަރަށް ބޮޑަށް ހަލާކުވި މުންޑޫގެ ގިނަ ބަޔަކު މިހާރު ވަނީ ލ. ގަމަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އެރަށުގައި މިހާރު އުޅެނީ ތަފާތު ސަބަބުތަކާ ހެދި ރަށުން ނުދާންވެގެން ތިބި ވަރަށް މަދު ބައެކެވެ.