ޖައިލަމްގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅި ހަރާފައިވޭ: އޭޑީކޭ

ރޭ ހިންގި މާރާމާރީގައި މަރުވި ޖައިލަމް އަހުމަދު ޝާކިރުގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅިހަރައި ޒަހަމްކޮށްލާފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލު ވިދާޅުވީ 24 އަހަރުގެ އެ ޒުވާނާގެ ހަށިގަނޑުން އެންމެ ބޮޑަށް ޒަހަމްވެފައިވަނީ އޭނާގެ ކަރު ކަމަށެވެ. ކަރުގެ ކަނާތް ފަރާތަށް ވަޅިން ދިން ހަމަލާތަކުގެ ސަބަބުން ނާރުތައް ބުރިވެ، ބޮލަށް ލޭ ފޮނުވައިދިނުން ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ފުރަގަހުން ހަރައިލި ތޫނު އެއްޗެއް ފުއްޕާމެ އަށް ހެރިފައިވާ އިރު، ބަނޑަށް ދިން ހަމަލާގައި އެތެރެ ހަށީގެ އެކި ބައިތަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވާތުގެ މަސްގަނޑު ކަފާލާފައި އޮތްލެއް ބޮޑުކަމުން އަތުގެ ކަށިގަނޑު ވެސް ފެންނަން އޮތް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އޭގެ އިތުރުން ވެސް ޖައިލަމްގެ އަތުގެ ހަތަރު ތަނަކަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވާ ކަމަށް އަފްއާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޖައިލަމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮރީ މަރުވެފަ އެވެ.

ފުލުސް އޮފީހުން ބުނި ގޮތުގައި ރޭ 10:20 ހާއިރު އެ ޒުވާނާ އަށް ހަމަލާދީފައިވަނީ ދަރުބާރުގޭ ކުރިމަތީ އޮންނަ ގޯޅި ތެރޭގައި ހުންނަ އޭނާ ދިރިއުޅޭ ގެ ހަންޑްރެޑް ފްލާވާ ކައިރިންނެވެ.

މަންޒަރު ދުށް މީހަކު ރޭ ބުނީ ޖައިލަމަށް ހަމަލާދިނީ ގޭ ކުރިމަތީގައި އޭނާ ގޮނޑިއެއްގައި އިންދައި، ސައިކަލުތަކެއްގައި ދިޔަ ހަތަރު މީހުންގެ ގުރޫޕަކުން ކަމަށެވެ. އަދި އޭނާ އަށް ހަމަލާދިނީ އަށް އިންޗިއެއްހާ ދިގު ވަޅިއަކުން ކަމަށް ވެސް މަންޒަރު ދުށް މީހާ ބުންޏެވެ.

“އެމީހުން އައިސް އޭނާ މަރާލާށޭ ކިޔާފައި ވެސް ހަޅޭއްލެވި. ވަޅި ހެރުމަށް ފަހު، އެ މީހުން ވަނީ ސައިކަލުގައި ފިލާފައި،” މަންޒަރު ދުށް މީހާ ބުންޏެވެ.

އެ ސަރަހައްދުގައި ތިބި މީހުން ޖައިލަމް ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕަކަށް ލައިގެންނެވެ.

މި މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުސް އޮފީހުން ބުންޏެވެ.