ޝިއާރުގެ މަރާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި

މިދިޔަ މަހުގެ ތެރޭގައި ސ. ހިތަދޫގައި ހިންގި މާރާމާރީއެއްގައި މަރައިލި ހުސައިން ޝިއާރުގެ މަރުގެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސ. ހިތަދޫ އަތީނާ، ޝިއާރު މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 20 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ތެރެއިން 22 އަހަރުގެ މީހާ އާއި 20 އަހަރުގެ އެކަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އަނެއް ދެ މީހުން ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. ކުރިން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރުކޮށްދީފައިވެ އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންނަކީ ވެސް ތަފާތު ކުށްތަކުގެ ރެކޯޑް އޮންނަ ބައެއް ކަމަށެވެ.

ޝިއާރު މަރާލުމާ އެކު ފުލުހުންގެ ޚާއްސަ ޓީމެއް ދަނީ އައްޑޫގައި ހަރަކާތްތެރިވަމުންނެވެ. ޝިއާރު މަރުވެފައިވަނީ އެ މާރާމާރީގައި އޭނާގެ ބޮލަށް ލިބުނު ޒަހަމްތަކުގެ ސަބަބުންނެވެ.