ބިދޭސީ މީހާ މަރާލީ ބަންދު ގަޑީގައި “ކޮފީ ނުދިނުމުން”، އެތައް ފަހަރަކު ބިރުދެއްކި

އާދައިގެ މަތިން، މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ވެސް، ހާބަރު ސަރަހައްދުގައި ހުންނަ ޅިޔަނު ކެފޭ ތެރޭގައި ތިބީ އެ ތަނުގެ ސޭޓާއި ކައްކާ މީހަކާއި ވޭޓަރެކެވެ. ބަނގްލަދޭޝްގެ އެ ތިން މީހުންނާ އެކު، އެ ތަނުގައި މަސައްކަތް ކުރާ އެހެން މީހުން އޭރު ވީ ގެ އަށް ނިދަން ގޮހެވެ. އެހެން ތިއްބައި، ދަންވަރު 3:30 ހާއިރު، ހަތަރު މީހަކު އެ ތަނަށް ވަދެގަނެ، ކޮފީ ދިނުމަށް އަމުރުކުރި އެވެ.

ސޭޓު އެކަމާ ދެކޮޅު ހެދުމުން، ކައުންޓަރު މަތީގައި ބާއްވާފައި އޮތް، ޓިޝޫ ކަފަން ގެންގުޅޭ ކަތުރު ނަގައި، އެ ހަތަރު މީހުންގެ ތެރެެއިން އެކަކު ސޭޓަށް ބިރުދެއްކި އެވެ. “ދޭނީތަ” ނޫނީ “އަތުލަންވީ”ހޭ ކިޔަމުން، ހަ އިންޗިއެއްހާ ދިގު އެ ކަތުރު ސޭޓާ ދިމާލަށް ހޫރަމުން ދަނިކޮށް، އެ މީހާ އަނގަވަތަށް ވެއްޓި، އޭނާގެ ކަނާތު އަތް ކޮންމެވެސް ވަރަކަށް ޒަހަމްވި އެވެ. އިއްތިފާގަކުން ނަމަވެސް، އެކަން ވެގެން ދިޔައީ ސޭޓުގެ ފުރާނަ އެ ރޭ ސަލާމަތްވުމަށް މެދުވެރިވި ސަބަބަށެވެ.

“އޭނާ ނުކުމެގެން ދަނީ ހޮސްޕިޓަލާ [އައިޖީއެމްއެޗްއާ] ދިމާލަށް. ދަމުން ބުނަނީނު ފަހުން އަންނަނީއޭ. ހޭ އަރުވާލާނަމޭ، ނުފުށްޕައްޗޭ،” ޅިޔަނު ކެފޭގައި މަސައްކަތް ކުރާ ބަނގްލަދޭޝް މީހަކު، ނަން ނުޖަހަން އާދޭސްކުރަމުން، “ހަވީރަ”ށް މިއަދު ކިޔައިދިނެވެ.
ޅިޔަނު ކެފޭ: މިރޭ ފަތިހު މާރާމާރީ ހިންގާފައި ވަނީ މި ކެފޭ ތެރޭގައި. –ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން
ޅިޔަނު ކެފޭ: މިރޭ ފަތިހު މާރާމާރީ ހިންގާފައި ވަނީ މި ކެފޭ ތެރޭގައި. –ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން

ދަންވަރު 1:00 ގައި ކެފޭތައް ބަންދުކުރާ ފަހުން، ބައެއް މީހުން ގަދަކަމުން ކެފޭތަކަށް ވަދެގަނެ، ބިރުދައްކައިގެން ކާއެއްޗެހި އަތުލާ ވާހަކަ އަބަދު ވެސް އިވެ އެވެ. މީގެ ކުރިން، 2013 ގައި، ޅިޔަނު ކެފޭގެ ވެއިޓަރަކަށް ހަމަލާ ދީ، ބޯފަޅާލާފައި ވަނީ ވެސް އެކަހަލަ މައްސަލައެއްގަ އެވެ. އެހެންވެ، އެ ރޭ އެ ތަނުގައި ތިބި ތިން މީހުން ވެސް ތިބީ، ދެން ވެދާނެ ގޮތެއް ނޭނގި، ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ.

ފުރާނަ އަތްމައްޗަށް ލައިގެން އެހެން ތިއްބައި، ރޭ އިރާކޮޅު 8:00 ހާއިރު، ކުރީ ރޭ ބިރުދެއްކި ހަތަރު މީހުންގެ ގްރޫޕް އަނެއްކާ ވެސް ކެފޭ އަށް ވަނެވެ. އެ ދިޔަ ގޮތަށް، ކައުންޓަރު ކައިރި އަށް ހުއްޓި، ހަމައެކަނި އެހީ، “މި ތަނުގައި ސީސީޓީވީ [ކެމެރާ] ހުރޭތޯ” އެވެ. އޭގެ ފަހުން، 11:00 ހާއިރު ވެސް އެ ގްރޫޕް އެ ތަނަށް ދިޔަ އެވެ. އެ ފަހަރު ތަޅާލީ ބަދިގެއާ ދިމާލުގައި ޖަހާފައިވާ ބިއްލޫރިގަނޑެވެ.
މާރާމާރީ ހިންގި މީހުން ތަޅާލާފައިވާ ބިއްލޫރިގަނޑުގެ އެތިކޮޅުތައް ބިންމަތީގައި: ހަމަލާ ދިނީ، އޭގެ ކުރިން ދެ ފަހަރަކު ކެފޭ އަށް ވަދެ، އިންޒާރު ދިނުމަށް ފަހު.– ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން
މާރާމާރީ ހިންގި މީހުން ތަޅާލާފައިވާ ބިއްލޫރިގަނޑުގެ އެތިކޮޅުތައް ބިންމަތީގައި: ހަމަލާ ދިނީ، އޭގެ ކުރިން ދެ ފަހަރަކު ކެފޭ އަށް ވަދެ، އިންޒާރު ދިނުމަށް ފަހު.– ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން

“ދެން އަންނަނީ [ފަތިހު] 4:00 ހާއިރު. މޫނު ނިވާކޮށްފައި ތިބެނީ އެންމެން. މެޔަށް ވަޅި ޖަހާފައި، ބައެއް އެއްޗެހި ހަލާކުކުރަނީ. ވަރަށް އެތެރެ އަށް [ފުންކޮށް] ވަޅި ވަދެފައި ހުރީ. އޭރު އެތެރޭގައި ތިބެނީ ސޭޓާއި ކައްކާއާ. އަނެކަކު ދަނީ ޑަސްޓްބިން ލާން ބޭރަށް،” ހަމަލާ ދިން މީހުން ތިބީ ވަޅީގެ އިތުރުން، ކޯރާޑި އާއި ދިގު ދަގަނޑުބުރިތަކެއް ހިފައިގެން ކަމަށް ބުނަމުން، ކުރިން ވާހަކަދެއްކި މީހާ ކިޔައިދިނެވެ.

އެ ހަމަލާގައި މަރުވެފައިވާ، ފަންސަވީހަކަށް އަހަރުގެ ބަނގްލަދޭޝް މީހާ ޅިޔަނު ކެފޭގެ ސޭޓެއްގެ ގޮތުގައި މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށް، އޭނާގެ ރައްޓެހިން ބުނެ އެވެ. އެ މީހުން ބުނާ ގޮތުން، އޭނާ އަދި ކައިވެންޏެއް ނުކުރާތީ، މަސައްކަތްކޮށްގެން ލިބޭ ހުރިހާ ފައިސާއެއް ފޮނުވަނީ، ބަނގްލަދޭޝްގައި ތިބޭ މައިންބަފައިންނަށާއި ކޮއްކޮމެންނަށެވެ. ނަމަވެސް، އެ މީހާގެ ނަން ހާމަކުރަން އެއްވެސް ރައްޓެއްސަކު އެއްބަހެއް ނުވި އެވެ.
އެ ސަރަހައްދުގައި ހުރި އެހެން ކެފޭތަކުގައި މަސައްކަތްކުރާ ބިދޭސީން، މިއަދު ހެނދުނު ޅިޔަނު ކެފޭގެ ބޭރުގައި.– ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން
އެ ސަރަހައްދުގައި ހުރި އެހެން ކެފޭތަކުގައި މަސައްކަތްކުރާ ބިދޭސީން، މިއަދު ހެނދުނު ޅިޔަނު ކެފޭގެ ބޭރުގައި.– ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ، ހިންގި މާރާމާރީއެއްގައި، ބިދޭސީއަކު ވަނީ މަރުވެފަ އެވެ. ރޭ ފަތިހު 4:00 ހާއިރު ހިންގި މި މާރާމާރީގައި ޒަހަމްވި މީހާ، އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް، އޭނާ ބެއްލެވި ޑޮކްޓަރުންނާ ހަވާލާދެއްވައި، އެ އޮފިޝަލް ވިދާޅުވި އެވެ.

ބަންދު ގަޑީގައި ކާ އެއްޗެހި ނުވިއްކުމުން ލިބޭ އިންޒާރުތަކަށް ބެލުމެއް ނެތި، ކޮންމެ ދުވަހަކު ފަތިހު ފަތިހާ ހުޅުވާ ޅިޔަނު ކެފޭ މިއަދު ބަންދެވެ. އެކަމަކު، އެ ސަރަހައްދުގައި ހުރި އެހެން ކެފޭތަކުގައި މަސައްކަތް ކުރާ ބިދޭސީން މިއަދު ވެސް ތިބީ، ހެނދުނުގެ ސަޔަށް ދާ މީހުންގެ ހިދުމަތުގަ އެވެ. ތަފާތަކީ ދޭތެރެ ދޭތެރެ އިން، ޅިޔަނު ކެފޭ ކުރިމައްޗަށް ގޮސް، އެ މީހުންގެ ރަހުމަތްތެރިޔާ އަށް ވީ ގޮތް ހަނދާނަށް ގެންނަ ކަމެވެ. “މާދަމާ އަހަންނަށް ވާނީ ކިހިނެއް”ތޯ ހިތާއި ހިތާ ސުވާލުކޮށްލާ ކަމެވެ.