ފުވައްމުލަކުގައި މަރާލި މީހާ މާލެ ގެނެސް މޯޗަރީ އަށް ލައިފި

އަނިޔާކޮށް މަރާލާފައި އޮއްވާ ފުވައްމުލަކުން އިއްޔެ ފެނުނު ބަންގްލަދޭޝް މީހާގެ ހަށިގަނޑު މިއަދު މާލެ ގެނެސް މޯޗަރީ އަށް ލައިފި އެވެ.

ފުވައްމުލަކު ފަޅު ގޯއްޗެއްގައި ހުރި ވަޅުގަނޑެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު ޝަރީފްގެ ހަށިގަނޑު، ތަހުގީގަށް ބޭނުންވާ މައުލޫމާތު ފުރިހަމަކުރެވެންދެން މޯޗަރީގައި ބާއްވާނެ ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

“ހަށިގަނޑު އިތުރަށް ބަލަން ޖެހޭތޯ ނޫންތޯ ބެލުމަށް ފަހު އާއިލާ އާއި އެމްބަސީއާ ގުޅިގެން ހަށިގަނޑާ މެދު ގޮތެއް ނިންމާނީ،” އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކު ދޫނޑިގަން އަވަށު ވަޑާންގެއެއްގައި މަސައްކަތްކުރަމުން އައި ފަންސަވީހަކަށް އަހަރުގެ ޒުވާނާގެ މަރުގެ މައްސަލާގައި ފުލުހުން ރޭ ވަނީ އެ ރަށުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.

ފުވައްމުލަކު ހައިވޭ ރެސްޓޯރެންޓްގެ ފުރަގަހުގައި އިމާރާތްކުރަމުންދާ ގޯއްޗަކުން ޝަރީފް ފެނުނީ ދެ އަތް ފުރަގަހަށް ލައި ބަނދެފައި އޮއްވަ އެވެ.

އޭނާގެ ކަރުގައި ނަރެއް ކަހަލަ އެއްޗެއް އޮޅާފައި ހުރި ކަމުގެ ނިޝާން ހުރިއިރު ބޮލުން ވެސް ތަނެއް ފަޅައިގެން ގޮސް ލޭ އައިސްފައި ހުރި ފުވައްމުލަކު އަތޮޅު ކައުންސިލުން ރޭ ބުންޏެވެ.