ފުވައްމުލަކުގައި މީހަކު މަރާލި މައްސަލާގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

އަނިޔާކޮށް މަރާލާފައިވާ ކަމަށް ބެލެވޭ ބިދޭސީ މީހާގެ މަރުގެ މައްސަލާގައި ފުލުހުން ފުވައްމުލަކުން ދެ ބިދޭސީއަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ބަންގްލަދޭޝްގެ އެ މީހާ ވަނީ މަރާލާފައި ކަމަށް ބެލެވޭ ކަމަށާއި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ވެސް ބަންގަލަދޭޝްގެ ދެ މީހަކު ކަމަށެވެ.

“މިހާތަނަށް ބެލިބެލުމުން ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން މާޑާ ކޭސްއެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަމުން މި ދަނީ. އަދި ތުހުމަތުކުރެވޭ ދެ މީހަކު ރޭ މިވަނީ ހައްޔަރުކޮށްފައި. ބޮޑަށް ބެލެވޭ ގޮތުގައި މިއީ އެ މީހުން [ބިދޭސީން]ގެ ތެރެއިން ހިނގި ކަމެއް،” އޮފިޝަލް ވިދާޅުވި އެވެ.

ފުވައްމުލަކު ދޫނޑިގަން އަވަށުގައި ހުންނަ ހައިވޭ ރެސްޓޯރެންޓްގެ ފުރަގަހުގައި އިމާރާތްކުރަމުންދާ ގޯއްޗެއްގެ ވަޅުގަނޑެއްގެ ތެރެ އަށް އެއްލާލާފައި އޮތް ޝަރީފް ކިޔާ މީހާގެ ދެ އަތް ފުރަގަހަށް ލައި ބަނދެފައި އޮތްއިރު އޭނާގެ ކަރާއި ބޮލުގައި ޒަހަމްތައް ހުރި ކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން ރޭ ބުންޏެވެ.

ކައުންސިލްގެ ނާއިބު ރައީސް އަލީ ފަޒާދު ވިދާޅުވިގޮތުގައި ވަޑާންގެއެއްގައި މަސައްކަތްކުރާ ޝަރީފްގެ ކަރުގައި ނަރެއް ކަހަލަ އެއްޗެއް އޮޅާފައި ހުރި ކަމުގެ ނިޝާން ހުރި އިރު ބޮލުން ވެސް ތަނެއް ފަޅައިގެން ގޮސް ލޭ އައިސްފައި ހުއްޓެވެ.

ފަޒާދު ވިދާޅުވިގޮތުގައި އޭނާ މަރާލި ކަމަށް ބެލެވެނީ އޭނާގެ އަތުން ފޭރުމަށެވެ.

ޝަރީފް ގިނަ އަދަދަކަށް ފައިސާ ގެންގުޅުނު ކަމަށް ބެލެވޭ ކަމަށާއި ހާއްސަކޮށް ރޯދަމަހަށް އަމިއްލަ ގައުމަށް ދާން ތައްޔާރުވަމުން އައިސްފައިވާތީ އޭނާގެ އަތުގައި ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށް ބެލެވޭ ކަމަށް ފަޒާދު ވިދާޅުވި އެވެ.

ފުވައްމުލަކު ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު ނިޖާހު ވިދާޅުވިގޮތުގައި ޝަރީފްގެ ހަށިގަނޑު މާލެ ގެނައުމަށް ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް އޭނާ އަދި މާލެ ނުގެންނަ ކަމަށް ފުލުހުންގެ އޮފިޝަލް މިއަދު ވިދާޅުވި އެވެ.

ފަޒާދު ވިދާޅުވިގޮތުގައި ޝަރީފަކީ އަޚުލާގު ރަނގަޅު މީހެކެވެ.