ފުވައްމުލަކު ފަޅު ގޯއްޗެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ފުވައްމުލަކުގައި ހަދަމުން ދިޔަ ގެއެއްގެ ގޯތިތެރޭގައި ހުރި ވަޅުގަނޑެއްގެ ތެރޭގައި ބިދޭސީ ފިރިހެނަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވިގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ އެ ރަށު ދޫނޑިގަން އަވަށު ނައިބުތުއްތު މަގު ކައިރީގައި އޮންނަ ގޯއްޗަކުންނެވެ.

“އޭނާ ފެނުނީ ވަޅުބުރިއެއް ތެރޭގައި އޮއްވާ. އަޅުގަނޑުމެން މި ދަނީ އޭނަގެ މަރު ތަހުގީގު ކުރަމުން،” އޮފިޝަލް ވިދާޅުވި އެވެ. އޭނާ ތަފްސީލެއް ނުދެއްވަ އެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް ހަސަން ސައީދު ވިދާޅުވީ ބިދޭސީ މީހާގެ ހަށިގަނޑު ފެނުނީ އެ ސަރަހައްދުގެ ކަރާ ދަނޑެއްގައި މަސައްކަތްކުރަން އުޅުނު ބަޔަކަށް ކަމަށެވެ.

“ފުލުހުން އައިސް އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ،” ހަސަން ވިދާޅުވި އެވެ.